އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން މިއަދު ހެނދުނު 10:00 ގައި ވަނީ ފަށާފައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިޚާބު ކުރަންޖެހޭ 3 މެންބަރުންގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ ތަމްސީލުކުރާ ގޮނޑިއަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކުރިމަތިލެއްވުމުން އޭނާ ވަނީ އިންތިޚާބަކާ ނުލައި އެ މަޤާމަށް ހޮވިފައެވެ. އެހެންކަމުން މިއަދު ކުރިއަށްދަނީ ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރު އިންތިޚާބުކުރުމުގެ ވޯޓުލުމެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 807 ފަރާތަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ރަށު ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 182 ރައީސުންނެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ މާލޭގައި ހުންނަ އެލްޖީއޭ އޮފީހުގެ އިތުރުން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒު ހިމެނޭހެން ބެހެއްޓިފައިވާ 19 ވޯޓުފޮށީގައެވެ. ދެ މަޤާމަށް ވޯޓުލުމަށް ބޭނުންކުރަނީ އެއް ވޯޓުފޮއްޓެއް ކަމަށްވީ ނަމަވެސް، ކޮންމެ މަޤާމަކަށް ދޫކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެއެވެ.

ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާއިރު، ވަގުތު ހަމަވާއިރު ކިއުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދެވޭނެކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ. ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެއެވެ. އަދި އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާ އިއުލާންކުރުމަށް ނިންމާފައިވަނީ ނޮވެމްބަރު 3 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް