އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ، މި އަހަރު ދަރަނި އަދާކުރުމަށް ހަރަދުވާނެ ކަމަށް ލަފާކުރާ މިންވަރަށްވުރެ 62 އިންސައްތަ ކުޑަވާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރު ދަރަނި އަދާކުރުމަށް 4.46 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މި އަހަރުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 11.74 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.
ދަރަނި އަދާކުރުމުގެ ހަރަދު އަންނަ އަހަރު ނިސްބަތުން ކުޑަވެގެންދާ މައިގަނޑު ސަބަބަކީ، އިތުރު ދަރަންޏެއް ނުނަގައި މި އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް ހަލާސްކޮށްފައިވުމެވެ. މި އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެ ތެރޭގައި ދަރަނި އަދާކުރުމަށް އެންމެ ބޮޑު ހަރަދެއް ކުރި އަހަރެވެ. އެގޮތުން 2025 ވަނަ އަހަރު ދަރަނި އަދާކުރުމަށް ކުރި 5.31 ބިލިއަން ރުފިޔާގެ ހަރަދާ އަޅާބަލާއިރު، 2026 ވަނަ އަހަރު ދަރަނި އަދާކުރުމަށް ކުރި ހަރަދު ވަނީ 54.7 އިންސައްތައިން އިތުރުވެފައެވެ.
މި އަހަރު ދަރަނި އަދާކުރުމުގެ ހަރަދު ބޮޑުވެގެން ދިޔައީ ސުކޫކުގެ ރީޕޭމެންޓުގެ ގޮތުގައި 500 މިލިއަން ޑޮލަރާއި، އިންޓަރެސްޓުގެ ގޮތުގައި އިތުރު 24 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަންޖެހުމުންނެވެ. މީގެއިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ވިއްކި ބޮންޑުގެ ދަރަނިން 100 މިލިއަން ޑޮލަރު އަދާކޮށް ޖުމްލަ 200 މިލިއަން ޑޮލަރު ހަލާސްކުރުމާއި، ކަރަންސީ ސްވޮޕުގެ ގޮތުގައި ނެގި 400 މިލިއަން ޑޮލަރުގެ ދަރަނިވެސް ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި މުޅިން ދައްކައި ނިންމާފައެވެ. މި ބޮޑެތި ދަރަނިތައް ހަލާސްކުރެވުމާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.





