ކިޔަވައިދޭ ދުވަހުގެ އަދަދު 195 އަށް އިތުރުކުރަން އިސްލާހެއް ހުށަހަޅައިފި

ކޮންމެ ދިރާސީ އަހަރެއްގައި ސްކޫލުތަކުގައި ކިޔަވައިދޭ ދުވަހުގެ އަދަދު މަދުވެގެން 195 ދުވަހަށް ހަމަކުރުމަށްޓަކައި، ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކިޔަވައިދޭ 195 ދުވަސް ކަނޑައެޅުމުގައި ސަރުކާރު ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީތަކެއް ނުގުނޭނެއެވެ.

އަންނަ އަހަރުގެ ދިރާސީ ކަލަންޑަރު މިހާރު އެކުލަވާލާފައިވަނީ ސްކޫލްތައް 201 ދުވަހަށް ހުޅުވާގޮތަށް ކަމަށްވީ ނަމަވެސް، ހާއްސަ އެކިއެކި ހަރަކާތްތަކާއި ބަންދުތައް އުނިކުރުމުން، ހަގީގީ މާނައިގައި ކިޔަވައިދިނުމަށް ލިބެނީ އެންމެ 163 ދުވަހެވެ. އެހެންކަމުން، މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކިޔަވައިދޭ ދުވަހުގެ އަދަދު އިތުރުކޮށް، ދަރިވަރުންނަށް އުނގަންނައިދިނުމަށް ބޭނުންވާ ފުރިހަމަ ވަގުތު ކަށަވަރުކޮށްދީ، ތައުލީމީ ފެންވަރު މަތިކުރުމެވެ. މީގެއިތުރުން، ދިރާސީ އަހަރު ފަށާ މަހަކީ ޖެނުއަރީ މަސް ކަމުގައި ހަމަޖެއްސުމަށާއި، މަގްބޫލު އުޒުރެއް ނުވަތަ މަޖުބޫރު ހާލަތެއް މެދުވެރިވެއްޖެނަމަ، ފެބުރުއަރީ މަހުގެ ނިޔަލަށް ދިރާސީ އަހަރު ފެށުން ފަސްކުރުމުގެ އިހުތިޔާރު ލިބިދޭ މާއްދާއެއްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި އިސްލާހުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ޓާމް ބަންދުތައް ހިމެނޭހެން އަހަރަކު 4 ހަފުތާގެ ޗުއްޓީ، ތިން މުއްދަތަކަށް ބަހާލައިގެން ދިނުމަށް ވަނީ ރޭވިފައެވެ. ހަމައެއާއެކު، ރާއްޖޭގެ ތައުލީމީ ނިޒާމަށް އަލަށް ތައާރަފުކުރެވޭ "ހޯމް ސްކޫލިން" އާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން، ކުއްޖާގެ ނުކުޅެދުންތެރިކަމަށް ނުވަތަ ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް ހެދޭ ހާއްސަ އެސެސްމެންޓަކަށްފަހު، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް