ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ދޫޑިގަން، އާސިމީ މަންޒިލް، އަޙްމަދު އަފާފު ޢާރިފް (32 އ) އާއި، އެ ރަށު ދޫޑިގަން، ލާލުގޭ، އަޙްމަދު ވިޝާން (37 އ) އެވެ.
މި އަންގާރަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ފުލުހުން ހިންގަމުންދާ މި އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގްރާމުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.





