ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިއު) ގާއިމުކުރުމަށް ދޫކުރާ ލޯނު ލިމިޓު، އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށް އެ ލޯނަށް އެދުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލްއިން ހުޅުވާލައިފިއެވެ.
މި ފައިނޭންސިންގ ފެސިލިޓީއަކީ މަސްވެރިކަމާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާގެ ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކުރިން އާރްއެސްޑަބްލިއު ސިސްޓަމާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށް އެކަނި ދޫކުރި މި ލޯނަށް އަލަށް ގެނެވުނު ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށްވެސް މިހާރު ލޯނު ލިބޭނެއެވެ.
މި ފެސިލިޓީގެ ދަށުން 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓުގައި، 10 އަހަރުން ފައިސާ އަނބުރާ ދައްކާ ގޮތަށެވެ. މީގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ނިޒާމުގެ ސަބަބުން މަސްވެރިން އައިސް ހޯދުމަށް ކުރާ ޚަރަދާއި ތެލުގެ ހޭދަ ކުޑަވެ، މަހުގެ ތާޒާކަން ދެމެހެއްޓި އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.
މި ލޯނަށް އެދެން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްގެ ޕޯޓަލް (www.smedigital.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.





