އެލްޖީއޭ އިންތިހާބަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުން އިންތިހާބުކުރުމުގެ އިންތިހާބާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ އޮތޯރިޓީން ހުޅުވާލައިފިއެވެ.

އެލްޖީއޭއިން ބުނިގޮތުގައި މި އިންތިހާބާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ޚާއްޞަ އޮންލައިން ފޯމެއް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި، އެ ޝަކުވާތަކަށް ޖަވާބުދޭނީ އީމެއިލް މެދުވެރިކޮށެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން އެލްޖީއޭ ބޯޑަށް 3 މެންބަރުން އިންތިހާބުކުރަންޖެހޭއިރު، އޭގެ ތེރެއިން ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަނި ކަމަށްވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ މިހާރު އެ މަގާމަށް ހޮވިވަޑައިގެންފައެވެ. އެހެންކަމުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ ރައީސުންގެ ތެރެއިން ބޯޑަށް އައްޔަންކުރާ މެންބަރުން ހޮވުމުގެ އިންތިހާބެވެ.

މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 807 ފަރާތަކަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި 625 ކައުންސިލަރުންނާއި 182 ޑަބްލިއުޑީސީގެ ރައީސުން ހިމެނެއެވެ. އިންތިހާބަށްޓަކައި ޖުމްލަ 19 ވޯޓުފޮށި ބަހައްޓާފައިވާއިރު، ވާދަކުރާ ދެ މަގާމުގެ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެއެވެ. އަދި ވޯޓުލުން ނިމި ފޮށިތައް ބަންދުކުރާތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށް އެލްޖީއޭއިން ހާމަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް