ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީގެ ސަރުކާރުން އެކުލަވާލި "މަރު ކޮމިޝަން" ގެ ރިޕޯޓުތައް ދިރާސާކޮށް ނިންމައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނެ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، ވެރިކަން ބަދަލުވެގެން އައިއިރު އެ ކޮމިޝަނުގެ މަސައްކަތްތައް ނިމިފައިނުވި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 2024 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް މުއްދަތު އިތުރުކޮށްދީ، އެ މުއްދަތުގެ ތެރޭގައި ބައެއް މައްސަލަތަކުގެ ރިޕޯޓުތައް ވަނީ ރައީސަށް ހުށަހަޅުއްވާފައެވެ.
މިހާރު ކުރިއަށްދަނީ އެ ރިޕޯޓުތައް ފުންކޮށް ދިރާސާކުރުމުގެ މަސައްކަތް ކަމަށާއި، އޭގެ ތެރެއިން އާންމު ކުރެވޭނެ ފަދަ މަޢުލޫމާތު ހުރި ރިޕޯޓުތައް ދެނެގަންނަމުންދާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. ނަމަވެސް، މައިގަނޑު ގޮތުން ދިމާވާ ގޮންޖެހުމަކީ ރިޕޯޓުތައް އެކުލަވާލާފައިވާ ގޮތުންނާއި މަޢުލޫމާތުދީފައިވާ ގޮތުން، ފުލުހުންގެ އިންޓެލިޖެންސްގެ ސިއްރު މައުލޫމާތުތަކެއް އޭގައި ހިމެނުން ކަމަށެވެ.
އެ ތަކެތި ކިހާ މިންވަރަކަށް ހާމަކުރެވޭނެ ކަމާމެދު ބަލަމުންދާއިރު، ރިޕޯޓުތައް އާންމު ކުރުމާމެދު ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައާ ގުޅިގެން އާއިލާއާ ބައްދަލުކޮށް، އެ މައްސަލައިން ހާމަކުރެވެންހުރި މައުލޫމާތުތައް ފޯރުކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.





