މަދީނާ އިސްލާމިކް ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ޚާއްޞަ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅަކީ އެ ޔުނިވާސިޓީގެ ރަސްމީ ދަޢުވަތަކަށް މިނިސްޓަރު ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
"އެފޯޓް އޮފް ދި ކިންގްޑަމް އޮފް ސައުދީ ޢަރަބިއްޔާ އިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑިވިއޭޝަން" މި ނަމުގެ ދަށުން ބާއްވާ މި ކޮންފަރެންސަކީ ފިކުރީ އެކި ނުބައި ވިސްނުންތަކާއި، ދީނީ ހައްދުފަހަނައަޅައިދިއުމާއި، އަދި ސަލާމަތްތެރިކަމަށް ހުރަސްއަޅާ ފިކުރީ އޮޅުންތަކާ ދެކޮޅަށް ސަޢުދީ ސަރުކާރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި، މުޅި އިސްލާމީ އުއްމަތުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މިފަދަ ޢިލްމީ އަދި ފިކުރީ ބައްދަލުވުންތަކަކީ މުސްލިމް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ދީނުގެ ޞައްޙަ މެދުމިން އުޞޫލުތައް ކުރިއެރުވުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކޮންފަރެންސްތަކެއްކަން ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.
މި ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޚާއްޞަ ތަޤުތީރެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، މި ފުރުސަތުގެ ސަބަބުން ރާއްޖޭގެ ދީނީ ސިޔާސަތުތަކާއި، ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤުވާމީ މައިދާނުގައި ހިއްސާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން މަދީނާ އިސްލާމިކް ޔުނިވާސިޓީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ދީނީ އަދި ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.





