ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރެއްވުމަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ނޭޝަނަލް ފިޓްނަސް ޕްލޭނާ އެއްފަގުވާ ގޮތުގެމަތިން އެޗްޑީސީން އަތޮޅުތަކުގައި ޤާއިމުކުރަމުންދާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ހަތް ރަށެއްގެ ޖިމް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެޗްޑީސީން ވިދާޅުވިގޮތުގައި މިހާރު ވެސް މަސައްކަތް ކުރަމުންދަނީ ތާވަލާ އެއްގޮތަށް ނުނިމި ހުރި އެހެން ރަށްރަށުގެ ޖިމްތަކުގެ މަސައްކަތްވެސް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލުމަށެވެ.

ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުޤުވެރިކަން އިތުރުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ އުފާވެރި މުޖުތަމަޢެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޤާއިމުކުރާ މި ޖިމްތަކުގައި ހުންނާނީ ފެންވަރު ރަނގަޅު، ޒަމާނީ ވަސީލަތްތަކާއި އިކުއިޕްމަންޓްތައް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ. މިގޮތުން ޖިމް ޤާއިމުކޮށް ނިމުނު ހަތް ރަށަކީ:
-
އއ. ފެރިދޫ
-
އއ. އުކުޅަސް
-
އދ. ދިގުރަށް
-
އދ. ފެންފުށި
-
އދ. މާމިގިލި
-
އދ. މަންދޫ
-
ބ. ގޮއިދޫ
އެޗްޑީސީން އިތުރަށް ވިދާޅުވީ، ކުންފުނީގެ އިޖުތިމާޢީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ދިވެހި މުޖުތަމަޢަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫޢުތައް މުސްތަޤުބަލުގައިވެސް މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔުމަކީ އެ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އަދި އެކުންފުނިން މީގެ ކުރިންވެސް ވަނީ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގާފައެވެ.





