ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުالله މުއްޠަލިބު އެ މަޝްރޫޢުގެ ޕްރޮޕަޓީތައް ގަތުމާއި، ވާރުތަވުމުގެ އިތުރުން ވިސާ ދޫކުރުމުގެ އުޞޫލުތަކާ ގުޅޭގޮތުން ވަރަށް ތަފުސީލުކޮށް މައުލޫމާތުތަކެއް ހާމަކުރައްވައިފިއެވެ.
މި މަޝްރޫއާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުންދަނީ، ބޭރުގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްގެ ވެބްސައިޓުގައިވާ ގޮތަށް ރަސްމާލެ އެއްބަސްވުން އޮތް ކަމަށްވާނަމަ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން އެ ބިން ދިވެހީންގެ އަތުން ތާއަބަދަށް ގެއްލިގެން ގޮސް، ވާރުތަވާ ތަރިކައަކަށް އަސަރުކޮށްފާނެ ކަމަށް ދެކޭ ކަމަށެވެ. މިފަދަ ކަންބޮޑުވުންތަކާއި ރައްޔިތުން އުފައްދާ ސުވާލުތަކާ ގުޅިގެން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބު ވަނީ ރަސްމާލެއިން ޕްރޮޕަޓީތައް ގަތުމާއި، ވާރުތަވުމުގެ އިތުރުން ވިސާ ދޫކުރުމުގެ ޙަޤީޤީ އުޞޫލުތައް ވަރަށް ތަފުސީލުކޮށް ހާމަކުރައްވާފައެވެ.
ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެކެވެ. އެ ޕްރޮޕަޓީއެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމައެވެ.… https://t.co/JOs6Y21dJO
— Abdulla Muththalib (@muththo) September 27, 2026
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރަސްމާލެއިން ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް އެ ޕްރޮޕަޓީއެއްގެ ފުރިހަމަ މިލްކުވެރިކަން ލިބުނު ނަމަވެސް، އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެކެވެ. އަދި އެފަދަ ޕްރޮޕަޓީއެއް ވިއްކާލުމުގައި ނުވަތަ ވެރިފަރާތް މަރުވުމުން ވާރުތަވުމުގައި އަމަލުކުރާނީ ވަކި ޚާއްޞަ އުޞޫލުތަކެއްގެ މަތިންނެވެ. އެއީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރުމުންނާއި، ކަނޑައެޅިފައިވާ ފީއެއް ދެއްކުމަށްފަހުގައެވެ. އެހެންކަމުން، އެފަދަ ތަންތަން އޮޓޮމެޓިކުން ވާރުތަވާނެ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ.
މިއީ ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ބޮޑެތި ވިޔަފާރިތައް ވެސް ވިއްކައި، ބަދަލުކޮށް، އަދި ވާރުތަވާ އުޞޫލާ އެއްގޮތަށް ހަމަޖެހިފައިވާ އިންތިޒާމެކެވެ.
މީގެ އިތުރުން، ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް ނުވަތަ އެ ޢާއިލާއަށް އޮޓޮމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ ބިދޭސީންނަށް ނުވަތަ މިފަދަ ފަރާތްތަކަށް ވިސާ ދޫކުރުމަކީ ރާއްޖޭގެ އިމުގްރޭޝަން ޤާނޫނުގެ ދަށުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު ހަމައެކަނި އިމުގްރޭޝަނުން ކުރާ ކަމެކެވެ. ވިސާ ދޫކުރުމާއި، އެކަންކަން ބަދަލުކުރުމާއި އަދި ކެންސަލްކުރުމުގެ ފުރިހަމަ ބާރު އޮންނާނީ ޤާނޫނުގެ ތެރެއިން އެ އިދާރާއަށެވެ.
ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތަކަށްވާއިރު، ދައުލަތް ތަނަވަސްވެ މާލީ ގޮތުން ފުދުންތެރިވަމުން ދިއުމަކީ ޤައުމުގެ އިސްތިޤުލާލު ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެތިބުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހި ދައުލަތް މުއްސަދިވެ ތަރައްޤީވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށާއި، ޤައުމަށް މިވަގުތު އެންމެ ބޭނުންވަނީ ކުރު މުއްދަތުގެ ކުދި މަންފާތަކަށްވުރެ ބޮޑަށް، އަންނަން އޮތް ޖީލުތަކަށް ދެމިގެންދާ ފަދަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





