ނ. ފޮއްދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ 82 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

ނ. ފޮއްދޫގައި ޤާއިމުކުރަމުންދާ ޕޮލިސް ޕޯސްޓުގެ އާންމު މަސައްކަތްތަކުގެ 82 އިންސައްތަ ނިމިފައިވާ ކަމަށް އެ މަޝްރޫޢު ހިންގާ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ފަހުގެ މަރުޙަލާގެ މަސައްކަތްތައް ކުރިއަށްދާއިރު، މައިގަނޑުގޮތެއްގައި މިވަގުތު ކުރިއަށްދަނީ އިމާރާތުގައި ދޮރުތައް ހަރުކުރުމުގެ މަސައްކަތެވެ.

ފޮއްދޫގައި ޕޮލިސް ޕޯސްޓެއް ބިނާކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ފޮއްދޫއަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެކެވެ. އެ ރަސްމިއްޔާތުގައި އެރަށުގައި ޤާއިމުކުރާ ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހުސާނެވެ.

ފޮއްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް -- ފޮޓޯ: އެމްޓީސީސީ

ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ނުވަތަ ޕޮލިސް ޕޯސްޓެއް ޤާއިމުކޮށް، މުޖުތަމަޢުގެ އަމަންއާމާންކަން ޤާއިމުކޮށް ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމެއްޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަރަށް މުހިންމު ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ޕޮލިސްޓޭޝަންތައް އިމާރާތްކުރުމުގެ މަޝްރޫޢުތައް ސަރުކާރުން އަންނަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް