އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސަރަޙައްދަށް ކުރަމުންދާ ފުރަތަމަ ދަތުރުގެ ތެރެއިން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް ހއ. އުތީމަށް ބަނދަރުކުރުމުން އެ ރަށު ރައްޔިތުންގެ ފަރާތުން އުޅަނދުގެ ކެޕްޓަނަށާއި ފަޅުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ސެޕްޓެންބަރު 26ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން އުތީމަށް ބަނދަރުކުރުމުން، އުތީމު ރައްޔިތުންގެ ފަރާތުން އެ ރަށުގެ ބަނދަރު ސަރަޙައްދުގައި މަރުޙަބާ ކިޔުމުގެ ގޮތުން ޘަޤާފީ ހަރަކާތްތަކާއި ފަރިވަޅެއް ވަނީ އަރުވައިފައެވެ.
މި ހަރަކާތްތައް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ވަނީ އުތީމުގެ ލޮބުވެތި ރައްޔިތުންނާ އެކު ބައްލަވާލައްވާފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންގެ މި ތާރީޚީ ޒިޔާރަތުގައި އުޅަނދުގެ ކެޕްޓަން، ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރާއި، ޝިޕްގެ ފަޅުވެރިން ވަނީ ކަޅުއޮށްފުންމި ބިނާއަށާއި، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ތާރީޚީ ގެކޮޅު، އުތީމު ގަނޑުވަރަށް ޒިޔާރަތްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށް ޓަކައި ކުރެއްވި ޤައުމީ މަތިވެރި ޖިހާދުގެ ހަނދާންތައް އައުކޮށް، އެ ޖިހާދުގައި ދެއްކެވި ސާބިތުކަމާއި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ އަގު ވަޒަންކޮށް އިޙްތިރާމް އަދާކުރެއްވިއެވެ.





