ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން، މަތީ ސާނަވީ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން ތަހުނިޔާ އާއި ހެޔޮ ދުޢާ ފޮނުއްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައި، އަދި ވަކީން ޚާއްޞަކޮށް މަތީ ތަޢުލީމު އުނގެނޭނެ ދާއިރާއެއް ޚިޔާރުކޮށް ކުރިއަށް ދިއުމުގައި މަތީ ސާނަވީ އިމްތިޙާނަކީ ވަރަށް މުހިންމު މަރުޙަލާއެއްކަން ފާހަގަކުރެއްވިއެވެ.

އަދި އިރާދަކުރެއްވިއްޔާ މި އިމްތިޙާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ ކަމަށާއި، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު މި އިމްތިޙާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަޚުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ޤައުމަށް ހޯދައިދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކަމަނާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ފޮނުއްވި މެސެ؛ޖުގައި، އިމްތިޙާނުގައި ބައިވެރިވާ ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވައި، ތޫނުފިލިކަން އިތުރުކުރައްވައި، އަދި އިމްތިޙާނުގެ ސުވާލުތަކަށް ޖަވާބުދިނުން ފަސޭހަކޮށްދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.

އަށްހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާން ފަށާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި އިމްތިހާނު 12 ނޮވެމްބަރުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ތައުލީމާ ބެހޭ ވުޒާރާއިން ބުނީ  އައިޖީއެސްސީ އިމްތިހާނުތަކުގައި 8،111 ދަރިވަރުން ބައިވެރިވާނެ ކަމަށާއި އެސްއެސްސީ އިމްތިހާނުތަކުގައި 7،776 ބައިވެރިވާނެ ކަަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، މާލޭގެ 25 ސެންޓަރަކާއި، އަތޮޅު ތެރޭގެ 246 ސެންޓަރެއްގައި އިމްތިހާން ކުރިއަށްދާނެ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައި މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުވެސް ވަނީ ބާއްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް