މިސްކިތަށް ގެއްލުންދީގެން ހައްޔަރުކުރި މީހާ --

މާލެ ސަރަހައްދުގެ މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދޭ ކަމަށް ތުހުމަތުކުރެވޭ ގ. މާލެހިޔާ، ނައުޝާދު މޫސާ (32އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކުށުގެ ވެއްޓަށް ދިޔަ ފުލުސްމީހާގެ ބަޔާނާއި، ހާދިސާ ރިޕޯޓުގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއާއި ފޮޓޯތަކަށް ބަލާއިރު އޭނާ އެކުށް ކުރިކަމަށް އެކަށީގެންވާ ވަރަށް ހެކި ހުރުމުންނެވެ. އަދި އޭނާއަކީ މިފަދަ ކުށްތަކުގެ ރެކޯޑު އޮތް މީހަކަށްވެފައި، ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭތީއެވެ.

މިސްކިތްތަކަށް ގެއްލުންދީގެން މި މަހުގެ 11 ވަނަ ދުވަހުވެސް ނައުޝާދު ހައްޔަރުކުރިއެވެ. އަދި އޭރު އޭނާގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހުގެ މުއްދަތެކެވެ.

ޤާނޫނުލްއުޤޫބާތުގެ ދަށުން އަޅުކަންކުރާ ތަންތަނަށް ގެއްލުންދިނުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ދެވުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި އަދަބު 2 އަހަރަށްވުރެ ދިގު މުއްދަތަކަށް އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް