ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ދައުލަތުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
މި ސިޔާސަތުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 8 އަތޮޅެއްގެ 8 ރަށެއްގައި ފިއުލްޝެޑް ޤާއިމްކޮށް ނިމި، އެ ތަންތަނުން ޚިދުމަތްދޭން ފަށާފައިވާއިރު، މިއީ ރާއްޖޭގެ ކަނޑުފަޅުގެ ސިނާޢަތަށާއި މުޅި އިޤްތިޞާދަށް ގެނެވޭ ވަރަށް ބޮޑު ލުޔެކެވެ. އަދި ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން، ރާއްޖޭގެ ހުރިހާ ސިޓީތަކާއި ހުރިހާ އަތޮޅެއް ހިމެނޭހެން މުޅި ރާއްޖޭގައި މި ޚިދުމަތް ފުޅާކޮށް ނިންމުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމް ޤާއިމުކުރުމަށް ފެށި މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް.
މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި… pic.twitter.com/JVJd0akaS7
— Mohamed Saeed (@em_saeed) September 26, 2026
މި މަޝްރޫޢު ފުރިހަމަވެގެން ދިއުމާއެކު، މަސްވެރިންނާއި، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުގެ އިތުރުން ޞިނާޢީ އެކި މަސައްކަތްތައް ކުރައްވާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ އެތައް ތަނަކުން ކުޑަވެގެންދާނެއެވެ. މީގެ ކުރިން ތެޔޮ ހޯދުމަށްޓަކައި ދުރު ރަށްރަށަށް ނުވަތަ ސަރަޙައްދީ މައި މަރުކަޒުތަކަށް ކުރަންޖެހޭ ދިގު އަދި ޚަރަދުބޮޑު ދަތުރުތައް ހުއްޓި، ވަގުތާއި ފައިސާ ސަލާމަތްވެ، ރައްޔިތުން އުފުއްލަވަމުންދިޔަ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މިފަދަ ބިޔަ މަޝްރޫޢުތަކުން ހާމەވެގެންދަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، ޚާއްޞަކޮށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން ދެއްވާ އިސްކަމެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ ދަށުން، ޤައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެމުންދާކަން މި ޚިދުމަތްތަކުން ކަށަވަރުވެގެންދެއެވެ.





