ޅ. ފެލިވަރުގައި ތަރައްގީކުރަމުން އަންނަ ޒަމާނީ 4,000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުމުވެ؛ކާއެކު ނިމުމަކަށް އައިސްފައިވާއިރު، ކުރިއަށް އޮތް މަސްވެރިންގެ ދުވަހާ ދިމާކޮށް އެތަން ރަސްމީކޮށް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ ރައިނެކް ކުންފުނިން ހާމަކުރާ ގޮތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ. އަދި އެ މަސައްކަތްތައް ނިމުމާއެކު، ޤާއިމުކޮށްފައިވާ ވަސީލަތްތައް ޓެސްޓުކޮށް ކޮމިޝަންކުރުމުގެ މަރުހަލާ ފެށިގެންދާނެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު (354 މިލިއަނަށްވުރެ ގިނަ ރުފިޔާ) ޚަރަދުކޮށްގެން ހިންގާ މި ބިޔަ މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން 4,000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން، 80 ޓަނުގެ އާރް.އެސް.ޑަބްލިއު އާއި 100 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ހިމެނޭ ޒަމާނީ އިމާރާތެއް ވަނީ ބިނާކޮށްފައެވެ. މީގެއިތުރުން، މުޅި ރަށުގެ ކަރަންޓުގެ ނިޒާމު ހަރުދަނާކޮށް ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި އައު އިންޖީނުގެއެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މި މަޝްރޫޢަށްޓަކައި ޚާއްޞަކޮށްގެން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގައި އެކި ވަސީލަތްތައް ތަރައްގީކުރަމުންދާއިރު، މަސް ކިރުމަށާއި އުފުލުމަށް ޚާއްޞަކޮށްގެން ތަރައްގީކުރި އައު ބަނދަރުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި މަސް ބޭލުމުގެ ޚިދުމަތްތައް ވީހާވެސް އަވަސްކޮށް ފަސޭހަކުރުމުގެ ގޮތުން އެ ބަނދަރުގައި 3 ކެރޭން ވެސް ވަނީ ހަރުކޮށް ނިންމާފައެވެ.
ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖްގެ ޚިދުމަތް ފެށިގެން ދިޔުމާއެކު، އުތުރުގެ މަސްވެރިން މަސް ކިރުވުމަށްޓަކައި ދެކުނުގެ ކޫއްޑޫއަށް ކުރަންޖެހޭ ދިގު އަދި ޚަރަދުބޮޑު ދަތުރުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ދަތުރުފަތުރަށާއި ތެލަށް ހިނގާ ބޮޑު ޚަރަދު ކުޑަވެ، މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.





