ފަސިންޖަރުންގެ މައުލޫމާތު ދުރާލައި ހުށަހެޅުން ލާޒިމުކޮށް އައު ގަވާއިދެއް އެކުލަވާލައިފި

ދިވެހިރާއްޖެއަށް ވައިގެ މަގުން އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރާއި އެ އުޅަނދުތަކުން ދަތުރުކުރާ ފަސިންޖަރުންގެ ފުރިހަމަ މަޢުލޫމާތު، ދަތުރު ފެށުމުގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުން ލާޒިމުކުރާ ޚާއްޞަ ޤަވާއިދެއް އެކުލަވާލައި އާންމުކޮށްފިއެވެ.

"ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރާއި، ވައިގެމަގުން ފުރާ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ގަވާއިދު" ގެ ނަމުގައި އެކުލަވާލާފައިވާ މި ޤަވާއިދަކީ، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ މުއާހަދާތަކުގެ ދަށުން ބާރުލިބިގެން ގެނެވުނު މުހިންމު ބަދަލެކެވެ.

މި ޤަވާއިދުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖެއަށް އަންނަ އަދި ފުރާ މީހުންގެ މަޢުލޫމާތު ދުރާލައި ލިބޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅުންހުރި ފަރާތްތަކާއި، ނުރައްކާތެރި ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ ބިދޭސީން ދުރާލައި ދެނެގަނެ، އެފަދަ ފަރާތްތައް ރާއްޖެއަށް އެތެރެވުން ނުވަތަ ފުރުން ހުއްޓުވުމަށް މި ޤަވާއިދުގެ ސަބަބުން ބާރު ލިބިގެންދާނެއެވެ. މީގެއިތުރުން، އ.ދ. ގެ ސެކިއުރިޓީ ކައުންސިލުގެ ޤަރާރުތަކާއި ވައިގެ ދަތުރުފަތުރާ ގުޅޭ ބައިނަލްއަޤްވާމީ އިލްތިޒާމްތައް ފުރިހަމައަށް ތަންފީޒުކުރުމަށް ވެސް މަގުފަހިވެގެންދާނެއެވެ.

ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އެންމެހައި ވައިގެ އުޅަނދުފަހަރާއި، އެ އުޅަނދުތަކުގެ ވެރިފަރާތްތަކާއި، ޗާޓަރުކުރި ފަރާތްތަކާއި، އޭޖެންޓުންނާއި، ކެޕްޓަނުންގެ މައްޗަށް ހިނގާ މި ޤަވާއިދުގެ ދަށުން، އުޅަނދުގެ ތަފުސީލާއި، ފުރާ އަދި ޖައްސާ ތާރީޚާއި ގަޑި، ފަސިންޖަރުންގެ ފުރިހަމަ މަޢުލޫމާތު، ދާގީނާގެ ތަފުސީލު، ވިސާގެ މަޢުލޫމާތު އަދި ދަތުރުކުރާ މަންޒިލްގެ މަޢުލޫމާތު އިމިގްރޭޝަނާ ޙިއްސާކުރަން ޖެހޭނެއެވެ. އިމިގްރޭޝަނަށް ލިބޭ މި މަޢުލޫމާތުތައް ކަސްޓަމްސް އާއި އިންޓެލިޖެންސް އިދާރާތަކާ ޙިއްސާކުރެވޭނެކަމަށާއި، މި މަޢުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެ ކަމަށް ވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ޤަވާއިދާ ޚިދާފުވާ ފަރާތްތައް 2,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް