ދީނީ ދައުވަތު ފެތުރުމާއި މުޖުތަމައުގައި އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަސައްކަތުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޖަމުޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ދީނީ ދައުވަތު ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ހޯދައިދީ، އެ މަސައްކަތްތައް ފަސޭހަކުރުމަށް ވުޒާރާއިން މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން، ޒަމާނީ ފެންވަރުގެ އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ތަފާތު ލެބޯޓްރީ އާއި ތަޢުލީމީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ހިންގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޖަމުޢިއްޔާތަކަކީ ހަމައެކަނި އެހީއަށް ބަރޯސާވެ ތިބޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ހިންގޭނެ ޤާބިލުކަމާއި ވަސީލަތްތައް ޤާއިމުވެފައިވާ ބަޔަކަށް ހެދުމަށްޓަކައި ވެސް ވުޒާރާއިން ޚާއްޞަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޝަހީމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި ޚިދުމަތްކުރާ ޖަމުޢިއްޔާތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރެވިފައިވާ ކަމަށާއި، މިފަދަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިކޮށް، ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.





