ރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މައުރަޒެއް ފުރަތަމަ ފަހަރަށް ޗައިނާގައި ބޭއްވުމަށްޓަކައި ހެރިޓޭޖް މިނިސްޓްރީއާއި ޗައިނާގެ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޓިއަންޖިން މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގް އެވެ.
މި އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ޚާއްޞަ މައުރަޒެއް ޗައިނާގެ ސިޓީތަކުގައި ބާއްވާނެއެވެ. އަދި ޗައިނާގެ ކަނޑުދަތުރުފަތުރާއި ތާރީޚާ ގުޅޭ ޚާއްޞަ މައުރަޒުތަކެއް ރާއްޖޭގެ ދާރުލްއާސާރުގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މައުރަޒުތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ތާރީޚީ ކަނޑުދަތުރުފަތުރުގެ ގުޅުން ބައިނަލްއަޤްވާމީ ފެންވަރުގައި ހާމަކޮށްދިނުމާއި، ދިވެހި ފަންނުވެރިންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމުގެ އިތުރުން ރާއްޖޭގެ އާސާރީ ތަންތަނުގެ ދިރާސާތައް ދެ ޤައުމު ގުޅިގެން ކުރިއަށްގެންދިއުމެވެ.





