ޔާމީން

ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ސަރުކާރުން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ އެއްބަސްވުމަކީ އިހުތިރާމް ކުރަންޖެހޭ އެއްބަސްވުމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީކުރަން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ސަރުކާރުން ދާދިފަހުން ވަނީ ހަވާލުކޮށްފައެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ވިއްކާލާނީ ރައްޔިތުންގެ މުސްތަގުބަލު ކަމަށާއި މިއީ އެއްވެސް ސަރުކާރަކަށް އެއްވެސް ގާނޫނަކުން ލިބިދޭ މެންޑޭޓެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފު އެއްބަސްވުމަކަށްވާތީ އެ ދަމަހައްޓާކަށް ދެން އަންނަ ސަރުކާރަކަށް ނުޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރަސްމާލެއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އުފެއްދުމެއް ނޫން ކަމަށާއި އެ ކޮންސެޕްޓަކީ ވެސް އެމަނިކުފާނުގެ އުފެއްދުމެއް ނޫން ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލު މިގޮތަށް ވިއްކާ ނުލެވޭނެކަން މި މަޝްރޫއު ހިންގަން ހަވާލުކޮށްފައިވާ ޔޫއޭއީގެ ކުންފުންޏަށް ވެސް އެނގެންވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އީގަލް ހިލްސްގެ ހަރަދުގައި 500 މިލިއަން ޑޮލަރުގެ 5،000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، މަތީ ފަންތީގެ ރެޒިޑެންސްތަކުގެ އިތުރުން މެރީނާއަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތައް އަދި ދުޅަހެޔޮކަމަށް ހާއްސަ ސެންޓަރުތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް