ކަނޑުގެ ލޮނުގަނޑު އުފުލުމަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން، ވިލުންތެރިކަން އިތުރުކުރުން: ނައިބު ރައީސް

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުންކަން ފާހަގަކުރައްވައި، އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވައިފިއެވެ.

1989 ވަނަ އަހަރު ބޭއްވި "މާލެ ޑިކްލޭރޭޝަން" އިން ފެށިގެން ދިވެހިރާއްޖެއިން މި ކާރިސާގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެންނަމުންދާކަން ހަނދުމަފުޅުކޮށްއަރުވަމުން، އޭރު ދެއްވި އިންޒާރުގެ ވާހަކަތައް މިހާރު އިހުނަށްވުރެ ނުރައްކާތެރި، ކުއްލި މައްސަލައަކަށް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ބިނާރަށާއި އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.  

އެގޮތުން، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ، ދުރާލާ ލަފާކުރެވޭ، އަދި ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓަރކުރާނެ ޚާއްޞަ ނިޒާމެއް ޤާއިމުކުރުމަށް އެދިވަޑައިގެންނެވިއެވެ. ޤާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ފަސްގަނޑުގެ ޖިއޮގްރަފީއަށް ބަދަލުތަކެއް އައިނަމަވެސް، ކަނޑައެޅިފައިވާ ބޭސްލައިންތަކާއި، ކަނޑުގެ ސަރަޙައްދުތަކާއި، ދައުލަތްތަކުގެ ސިޔާދަތާއި އދ. ގެ މެންބަރުކަމުގެ ޤާނޫނީ ހައިސިއްޔަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އުމްރާނީ ވަސީލަތްތަކާއި އިޤްތިޞާދީ ސިޔާސަތުތަކުގައި ވިލުންތެރިކަން ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ ތިންވަނަ "އެންޑީސީ" ގެ ދަށުން މިފަދަ ފިޔަވަޅުތައް ތަންފީޒުކުރަމުންދާކަން ހާމަކުރެއްވިއެވެ.

ބަޔާން ނިންމަވާލައްވަމުން، ދުނިޔޭގެ ލީޑަރުން ވެވަޑައިގެންފައިވާ ވަޢުދުތައް ޢަމަލީ ސިފައަށް ބަދަލުކޮށް، މުސްތަޤްބަލް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް