ކޮމްޕިއުޓަރ ޓެކްނީޝިއަނުންގެ މުސާރައިގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ އައިޓީ މުވައްޒަފުންގެ ތެރެއިން ކޮމްޕިއުޓަރ ޓެކްނީޝިއަނުންގެ މުސާރައަށް ދިމާވެފައިވާ މައްސަލަ ބައްލަވައި، އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދިޔަ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން، ދައުލަތުގެ ޕޭ ފްރޭމްވޯކަށް އައި ބަދަލުތަކާ ގުޅިގެން އައިޓީ މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލެއް އައިސްފައިނުވާތީ މުވައްޒަފަކު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.  

އެ މުވައްޒަފު ފާހަގަކުރި ގޮތުގައި އައިޓީ ދާއިރާގެ މުޅި އިންފްރާސްޓްރަކްޗަރ އަދި އޮޕަރޭޝަންސް ހޭންޑަލްކުރަނީ ކޮމްޕިއުޓަރ ޓެކްނީޝިއަނުން ކަމަށްވީ ނަމަވެސް، އެ މީހުންގެ އަސާސީ މުސާރައާއި އެލަވަންސްތައް އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ މުސާރައަށްވުރެ ކުޑައެވެ. އަދި ޕަބްލިކް ސާވިސް ރޭންކް 4 ގެ އޮފިސަރުންނަށްވެސް ބޮޑު މުސާރައެއް ލިބޭއިރު، ޝަކުވާތަކާ ގުޅިގެން ނިމުނު މަހު ބޮޑުކޮށްދިނީ އެންމެ 100 ރުފިޔާ ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.  

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮމްޕިއުޓަރ ޓެކްނީޝިއަނުންގެ މުސާރައިގައި ޕޭ-ހަމަހަމަކަން ގެއްލިފައިވާކަން އެނގިވަޑައިގެންފި ކަމަށާއި، އެއީ ކަންކަން ރަނގަޅުކުރަންޖެހޭ މިންގަނޑެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ޕޭ ފްރޭމްވޯކް އެކުލަވާލުމުގައި ވިސްނަންޖެހޭ ވަކި މިންގަނޑުތަކެއް ހުރި ނަމަވެސް، މި ވަކި ކޭސްގައި ކަންކަން ހުރި ގޮތް އިތުރަށް ޗެކްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޕޭ ކޮމިޝަނަށް ދަންނަވައިގެން އެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް