މަސްޖިދުލްހަރަމްގެ އިމާމް އަދި ޚަތީބު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިންގެ މެދުގައި މަގުބޫލު އަދި ވަރަށް ރީއްޗަށް ގުރުއާން ކިޔަވައިވިދާޅުވާ އައްދައުސަރީ ރާއްޖެ ވަޑައިގަންނަވާނެ ތާރީހު ފަހުން އިއުލާންކުރައްވާނެ ކަމަށެވެ.
މިއީ މީގެ 43 އަހަރު ފަހުން މަސްޖިދުލްހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ ކުރިން ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ.
އެ ފަހަރު ރާއްޖެ ވަޑައިގެންފައިވަނީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިޚް މުހައްމަދު އައްސުބައްޔިލްއެވެ. އަދި މިދިޔަ އަހަރު މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ސަލާހުލް ބުދައިރުވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.





