އީމާންކަމުގެ ފޮނިމީރުކަން ލިބެނީ ﷲ އަށާއި އެކަލާނގެ ދީނަށް ފުރިހަމައަށް ރުހިގެން – ހުކުރު ޚުޠުބާ

ދުންޔަވީ ޙަޔާތުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ހިތުގެ ޙާލަތު ރަނގަޅުކޮށް، ދީނާ ދުރު ފިކުރުތަކުން ރައްކާތެރިވެތިބެ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ޚުޠުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިސްލާމްކަމާއި އީމާންކަމުގެ މަތިވެރި ނިޢުމަތުގެ މައްޗަށާއި، ސާބިތު އަދި ޞައްޙަ ޢަޤީދާއެއްގެ މަތީގައި ތިބުމުގެ މުހިންމުކަމުގެ މައްޗަށެވެ. 

އެގޮތުން އިސްލާމީ އުންމަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަނިވެރިކަމުގެ ބިރުވެރިކަމުން ސަލާމަތްވެ، ޙަޤީޤީ ހިތްހަމަޖެހުން ލިބެނީ އީމާންކަން ވަރުގަދަކޮށްގެން ކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

އީމާންކަމުގެ ފޮނިމީރުކަން ލިބުމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘެއް ބަޔާންކުރައްވަމުން ޚުޠުބާގައި ވިދާޅުވީ «ذَاقَ طَعْمَ الْإِيْمَانِ مَنْ رَضِيَ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُوْلًا» މީގެ މާނައަކީ "ﷲ އީ އެކަލާނގެއީ ރައްބު ކަމަށް، އަދި އިސްލާމްދީނަކީ ތިމާގެ ދީން ކަމަށް، އަދި މުޙައްމަދުގެފާނަކީ ރަސޫލާ ކަމަށް ރުހިޤަބޫލުވެއްޖެ މީހާ އީމާންކަމުގެ ފޮނިމީރުކަން ލިބިގަނެފިއެވެ." މި ޙަދީޘުން އެނގެނީ އީމާންކަމުގެ ޙަޤީޤީ އަރާމާއި ހިތްހަމަޖެހުން ލިބެނީ ﷲ އާއި އެކަލާނގެ ދީނަށް ފުރިހަމައަށް އީމާންވެ، އެކަމަށް ރުހިގެން ކަމެވެ.  

އޭގެ އިތުރުން، ކުދިން ބޮޑެތިވަމުން އަންނައިރު އީމާންކަން އުނގަންނައިދިނުމުގެ މުހިންމުކަން ބަޔާންކުރައްވަމުން ޞަޙާބީ ޖުންދުބު ބުނު ޢަބްދިއްލާހު رضي الله عنه ގެ ރިވާޔަތެއް ޚުޠުބާގައި ގެނެސްދެއްވިއެވެ. އެއީ «كُنَّا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَنَحْنُ فِتْيَانٌ حَزَاوِرَةٌ، فَتَعَلَّمْنَا الْإِيْمَانَ قَبْلَ أَنْ نَتَعَلَّمَ الْقُرْآنَ، ثُمَّ تَعَلَّمْنَا الْقُرْآنَ، فَازْدَدْنَا بِهِ إِيْمَانًا» މީގެ މާނައަކީ "ތިމަންބޭކަލުން ފުރާވަރަށް އަރަމުން އައި ޒުވާން ކުދިންތަކެއްގެ ގޮތުގައި ނަބިއްޔާ ﷺ ގެ އަރިހުގައި ވީމުއެވެ. ފަހެ، ތިމަންބޭކަލުން ކީރިތި ޤުރްއާން އުނގެނިވަޑައިގަތުމުގެ ކުރީން، އީމާންކަން އުނގެނިވަޑައިގަތީމުއެވެ. ދެން އެއަށް ފަހު ތިމަންބޭކަލުން ޤުރްއާން އުނގެނިވަޑައިގަތުމުން، އެ ޤުރްއާނުގެ ސަބަބުން ތިމަންބޭކަލުންގެ އީމާންކަން (އިތުރަށް) ވަރުގަދަވިއެވެ." މި ޙަދީޘުން ދޭހަވަނީ ކުދިން ބޮޑެތިވަމުން އަންނައިރު، އެންމެ ފުރަތަމަވެސް އެކުދިންގެ ހިތްތަކުގައި ޢަޤީދާއާއި އީމާންކަން އަށަގަންނުވަންޖެހޭ ކަމާއި، އޭގެ ފަހުން އުނގެނޭ ދީނީ ޢިލްމުގެ ސަބަބުން އީމާންކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމެވެ.  

ޚުޠުބާ ނިންމާލައްވާފައިވަނީ މުޅި އިސްލާމީ އުންމަތަށާއި ދިވެހިރާއްޖެއަށް ހެޔޮ ދުޢާކުރައްވަމުންނެވެ. އެގޮތުން، ރާއްޖެއަށް ތިޔާގިކަމާއި، އިޤްތިޞާދީ ފުދުންތެރިކަން ދެއްވައި، އެކި ކަހަލަ ބަލިމަޑުކަމުން ރައްކާތެރިކުރެއްވުމަށާއި، އަދި ފަލަސްޠީނުގެ ނިކަމެތިވެފައިވާ މުސްލިމް އަޚުންނަށް ނަޞްރާއި އެހީތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް