މަސްތުވާތަކެތީގެ މައްސަލައިގައި ޅ. އަތޮޅުން ހައްޔަރުކުރި ތިން މީހުން --- ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއެކު ޅ. އަތޮޅުން ތިން ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޅ. ނައިފަރާއި އޮޅުވެލިފުށީގައި ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ހިތްވަރު، އުމުރުން 19 އަހަރުގެ އަނަސް އަބްދުﷲ އާއި، ޅ. އޮޅުވެލިފުށި، ކޮތަރިވިލާ، އުމުރުން 25 އަހަރުގެ މުޙައްމަދު މިފްޒާލްގެ އިތުރުން ޅ. އޮޅުވެލިފުށި، ޑައިމްވިލާ، އުމުރުން 20 އަހަރުގެ އަޙްމަދު އާދިލްއެވެ.

މި މަހުގެ 23 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިސް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އަނަސް އާއި މިފްޒާލް ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 3.93 ގުރާމު ހުއްޓެވެ.

ދެވަނަ އޮޕަރޭޝަން ނައިފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނައިފަރު ޕޮލިހުން ހިންގިއިރު، އެ އޮޕަރޭޝަންގައި އާދިލް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 10.79 ގުރާމު ހުއްޓެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް އާއި މިފްޒާލް 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އާދިލް 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް