އިރާންގެ މިސައިލް ލޯންޗަރު ތަކެއް

އެމެރިކާ ނުވަތަ އިސްރާއީލުން އީރާނަށް އިތުރު އަސްކަރީ ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ އިންޑިއާ ކަނޑަށާއި އެއަށްވުރެ ދުރަށް ފުޅާކޮށްލާނެ ކަމަށް އީރާނުގެ މަތީވެރިޔާގެ އިސް އަސްކަރީ މުޝީރު ޔަހްޔާ ރަހީމް ސަފަވީ ވަނީ އިންޒާރު ކުރައްވާފައެވެ.

ފާރްސް ނިއުސް އޭޖެންސީން އާންމުކުރި ވީޑިއޯ ބަޔާނެއްގައި މޭޖަރ ޖެނެރަލް ސަފަވީ ވިދާޅުވީ، ޕާޝިއަން ގަލްފާއި ހޯރްމުޒް ކަނޑުއޮޅިން ފެށިގެން ރަތްކަނޑަށް ހަނގުރާމަ ފެތުރިފައިވާއިރު، އިތުރު ހަމަލާތަކަކަށް ރައްދުދިނުމުގެ ގޮތުން ހަނގުރާމައިގެ މައިދާން އިންޑިއާ ކަނޑާ ހަމައަށް ފުޅާވެގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިއީ މެދުއިރުމަތީގެ ހަނގުރާމަ އިންޑިއާ ކަނޑަށް ފުޅާވެދާނެ ކަމަށް އީރާނުގެ އިސް މަސްއޫލުވެރިއަކު ސީދާ ވިދާޅުވި ފުރަތަމަ ފަހަރެވެ. ސަފަވީ ވިދާޅުވި ގޮތުގައި އެމެރިކާއިން އިތުރު ހަނގުރާމައެއް ފަށައިގަނެފިނަމަ، ރަތްކަނޑާއި ބާބު އަލް-މަންދަބު ކަނޑުއޮޅި މައިކޮށްގެން އާ ހަނގުރާމައިގެ މައިދާނެއް އެމެރިކާގެ ކުރިމަތީގައި ހުޅުވިގެންދާނެއެވެ. އަދި އީރާނުގެ ރޭޑާރު ނިޒާމުތަކުން ޕާޝިއަން ގަލްފާއި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ މަނަވަރުތައް ބަލައި ހޯދަމުންދާ ކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށް ރައްދުދިނުމަށްޓަކައި މިސައިލާއި، ޑްރޯން އަދި ވައިގެ ދިފާއީ ނިޒާމުތައް އިތުރަށް ވަރުގަދަކޮށް، ދިގުލައިދާ ހަނގުރާމައަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން، އީރާނަށް އަރައިގަތުމަށް އެމެރިކާގެ ސިފައިން މަސައްކަތްކޮށްފިނަމަ އެ ފަރާތްތައް މުޅިން ނައްތާލާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ. މި އިންޒާރުތަކާއެކު ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށާއި ހަކަތައިގެ ބާޒާރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ދުނިޔޭގެ ގައުމުތަކުން ދަނީ ފާޅުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް