ހިންމަފުށީގައި 500 މީހުންގެ އައު ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ކ. ހިންމަފުށީގައި ތަރައްޤީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިއަދު ހެނދުނު ހިންމަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު ޞިއްދީޤު، އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ސާހީން އާދަމް އަދި ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަނާރާ ނައީމެވެ.

އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން 5 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އައު އިމާރާތަކީ އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭނެ ފެންވަރަށް ފަރުމާކުރެވިފައިވާ ތަނެކެވެ. މިހާރުގެ ރިހެބިލިޓޭޝަން ސެންޓަރު ހުރި ބިމުގެ ހުސްޖާގައިގައި ބޮޑުބައި އިމާރާތްކުރާ މި ސެންޓަރުގައި މަސްތުވާތަކެތީގެ ފަރުވާގެ އިތުރުން، ހިންމަފުށީ ރައްޔިތުންނަށްވެސް ޚިދުމަތް ލިބޭނެ ހެލްތް ފެސިލިޓީއަކާއި، މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދޭ ސްކިލް ޑިވެލޮޕްމެންޓް ސެންޓަރެއްގެ އިތުރުން ކައުންސިލިންގ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެއެވެ.

ހިންމަފުށީގައި މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރަކީ 174 މީހުންގެ ޖާގައިގެ ތަނެއް ނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާ ދެެވެމުންދަނީ ގާތްގަނޑަކަށް 80 މީހުންނަށް ކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް