މާލޭގެ މަގުތަކާއި ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށެނީ: ޗައިނާ ސަފީރު

ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއާއި، ވިލިމާލޭގައި އެންމެ ޒަމާނީ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ ޗައިނާގެ 77 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ވިލިމާލޭގައި އަލަށް އިމާރާތްކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އާއި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަރުހަލާ މިހާރު ވަނީ ނިމިފައެވެ. އަދި ތަފްސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާތަކުގެ މަސައްކަތް ނިމުމުގެ މަރުހަލާގައި އޮތްއިރު، ދެ މަޝްރޫއުގެވެސް އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މާލޭ މަގުތައް ހެދުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދިޔަ މުހިންމު މަޝްރޫއެކެވެ.

ޗައިނާއިން ހިލޭ އެހީގެ ދަށުން ހިންގާ މިފަދަ މަޝްރޫއުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ސާވޭ ޑިޒައިން ކުރުމުގެ އިތުރުން ކޮންސްޓްރަކްޝަން ހަވާލުކުރުމުގެ މަރުހަލާތައް ކުރިއަށްދަނީ އެގައުމުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންނެވެ. މި ހަފްލާގައި ސަފީރު ވަނީ ކުރިއަށް އޮތް ތަނުގައިވެސް އެކި ދާއިރާތަކުން ރާއްޖެއަށް ޗައިނާގެ އެހީތެރިކަން ލިބެމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެއިތުރުން، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމުކަން ފާހަގަކުރައްވަމުން، މި އަހަރުގެ މިހާތަނަށް 280,000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށާއި، އެއީ ދެގައުމުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް