ޤައުމުތަކުގެ ގާތްކަން މިނެދެނީ ޖިއޮގްރަފީގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި، އެއީ ގައުމުތަކުގެ މެދުގައި އޮންނަ އިޚްލާޞްތެރި އެކުވެރިކަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ޗައިނާގެ ދެމެދުގައިވާ ބޮޑު ކަނޑަކީ ދުވަހަކުވެސް ދެގައުމުގެ ގުޅުމަށް ހުރަހަކަށްވެފައިވާ ކަމެއް ނޫނެވެ. އަދި ގަރުނުތަކެއް ވަންދެން ހިންދީ މާކަނޑުގެ މަގުތައް މެދުވެރިކޮށް، ދެގައުމުގެ ރައްޔިތުންގެ މެދުގައި ވިޔަފާރިއާއި، ސަގާފަތާއި، ޚިޔާލުތަކާއި އާދަކާދަތައް ބަދަލުކުރެވި، ވަރުގަދަ ތާރީޚީ ގުޅުމެއް އުފެދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ޖިއޮގްރަފީ ގޮތުން ގައުމުތައް އޮންނަ ތަން ކަނޑައެޅުނު ކަމުގައި ވިޔަސް، ގައުމުތަކުގެ ގާތްކަން ވަޒަންކުރެވެނީ އެކުވެރިކަމުގެ މައްޗަށް ކަމަށް ތާރީޚުން ސާބިތުވާ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައިވަނީ ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި، ސިޔާދަތީ ހަމަހަމަކަމާއި، ސުލްހަވެރިކަމާއެކު އުޅުމުގެ އިތުރުން "ވަން ޗައިނާ" ޕްރިންސިޕަލަށް ރާއްޖެއިން އޮތް ސާބިތު އިޚްލާޞްތެރިކަމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދެގައުމުގެ ގުޅުން "ކޮމްޕްރެހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް" ގެ ފެންވަރަށް މަތިކުރެވިފައިވާކަން ފާހަގަކުރައްވަމުން، އެއީ ހަމައެކަނި ނަމަކަށް އައި ބަދަލެއް ނޫން ކަމަށާއި، އެއީ ދެގައުމުގެ ފުން އެކުވެރިކަމާއި މުސްތަޤުބަލަށްޓަކައި ގެންގުޅޭ އެއްގޮތް އުންމީދުތަކުގެ ރަމްޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާބަން މަޝްރޫއުތަކާއި، ތައުލީމާއި ފަންނީ ތަމްރީނުތަކުގެ ދާއިރާއިން ޗައިނާއިން ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވަމުން، ދެގައުމުގެ ގުޅުމުގެ ވަރުގަދަކަން ވަޒަންކުރެވެނީ ސޮއިކުރާ އެއްބަސްވުންތަކުން ހާސިލުކުރެވޭ ހަގީގީ ނަތީޖާއިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.





