އައްޑޫ ލިންކް ރޯޑު 4 ލޭނަށް ފުޅާކޮށް ތަރައްގީކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އަދި ހަވާލުވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވޮއިޑޮންގެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮތް 12.3 ކިލޯމީޓަރުގެ ސަރަހައްދު 4 ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.

ގާތްގަނޑަކަށް 23 އަހަރުވެފައިވާ މި ލިންކް ރޯޑަކީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން ގުޅުވައިދޭ މުހިންމު މަގަށްވެފައި، މަގުގައި ވަޅުގަނޑުތައް ހެދި ގިނަ ދުވަސްތަކެއް ވެފައިވާތީ، މި މަގު އަލުން ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

އާރްޑީސީން މަގު ފުޅާކުރުމަށްޓަކައި ބޮޑު ސަރަހައްދެއް ސާފުކޮށްފައިވަނިކޮށް، މި މަހުގެ 7 ވަނަ ދުވަހު އެ ކޯޕަރޭޝަން އުވާލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ. ނަމަވެސް، އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް އަލުން ހަލުވިކަމާއެކު ފަށައި، އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް