ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓް ސާކެޓެއްގެ ސަބަބުން ކަމަށާއި، އަލިފާން ކޮންޓްރޯލް ނުވެ ފެތުރިގެން ދިޔައީ ސީލިންގާއި ޑަކްޓްތަކުގެ ތެރޭގައި ހުރި ނަރުތަކުގައި އަލިފާން ހިފައި، އެތަންތަނުން އަލިފާން ހޯދައި ނިއްވާލުމަށް ބޮޑެތި ދަތިތަކެއް ދިމާވުމުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން 600 ގަޑިއިރަށްވުރެ ގިނަ އިރުގެ ސީސީޓީވީ ފުޓޭޖާއި ބޮޑީވޯން ކެމެރާތައް ވަރަށް ތަފްސީލުކޮށް އެނަލައިޒް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ހާދިސާ ހިނގި ސަރަހައްދަށް މިނިސްޓްރީގެ މުވައްޒަފުން ފިޔަވައި އެހެން ބޭރުގެ އެއްވެސް ފަރާތެއް ވަދެނުކުމެފައި ނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށާއި، ނެގުނު އާސަން ސާމްޕަލްތަކުން އަލިފާން ހިފާފާނެ ފަދަ އެއްވެސް ކެމިކަލެއްގެ އަސަރެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންނާއި އިންޑިއާގެ ހާއްސަ ތަހުގީގު ޓީމެއް ގުޅިގެން ކުރިއަށްގެންދިޔަ ފޮރެންސިކް ތަހުލީލުތަކުން ދެއްކި ގޮތުގައި، އަލިފާން ފުރަތަމަ ރޯވެފައިވަނީ ޖިއޯމެޓްރިކްސް ޑިޕާޓްމަންޓްގައެވެ. އަދި އެތަނުގެ ކަރަންޓު ނަރުތައް އޯވަހީޓްވެ، ނަރުތައް ވިރިގެން އެއް ނަރު އަނެއް ނަރާ ޝޯޓްވެފައި ހުރިކަމުގެ ނިޝާންތައް ވަނީ ފެނިފައެވެ. ނަމަވެސް، އަލިފާން ރޯވި ސަރަހައްދަކީ އިމާރާތުގެ ދަތި ދޭތެރެތަކާއި ސީލިންގ އަދި ޑަކްޓްތައް ކަމަށްވާތީ، ސިފައިންނާއި ފުލުހުން އަލިފާން ނިއްވަން މަސައްކަތްކުރަމުން ދަނިކޮށް ހުޅުގަނޑު ކޮންޓްރޯލްނުވެ ފެތުރިގެންދިޔައީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ނުރައްކާތެރި ހާދިސާގެ ސަބަބުން ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައިގެން ގޮސްފައިވާއިރު، އިތުރު ދެ މިނިސްޓްރީއަކަށާއި މާލެ ސިޓީ ކައުންސިލްގެ އިދާރާއަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި އޭގެ އިތުރުން ކައިރީގައިހުރި 3 ގެއެއްގެ 9 އެޕާޓްމަންޓަށާއި 2 ފިހާރައަކަށްވެސް ހޫނުގެ އަސަރުކޮށްގެން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، އެމްއެންޑީއެފްގެ ރިޕޯޓާއި ފުލުހުންގެ ތަހުގީގު ރިޕޯޓާ އެއްވެސް ފުށުއެރުމެއް ނެތް ކަމަށް ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.





