އެކަށީގެންވާ އަދި ފެންވަރު ރަނގަޅު އެހެން ބަދަލެއް ނުދައްކައި، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި މަނާކުރުމަކީ ތިމާވެށީގެ މައްސަލައަށް ނެރެން ބޭނުންވާ ހަގީގީ ހައްލު ލިބޭނެ ކަމެއް ނޫން ކަމަށާއި ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރީ އެހެންވެގެން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކަމެއް މަނާކުރުމުގެ މައިގަނޑު މަގްސަދަކަށް ވާންވާނީ އެކަމަށް ރަނގަޅު އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުން ކަމަށެވެ. އެހެންނަމަވެސް، އެއްވެސް ބަދަލެއް ނުދައްކައި ކުއްލިއަކަށް ޕްލާސްޓިކް ހޮޅި މަނާކުރުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ސިފަކުރައްވަމުން، ޕްލާސްޓިކް ހޮޅި އަލުން ބޭނުންކުރުމަށް މުޅިން ތާއީދު ނުކުރެއްވި ނަމަވެސް، މަނާކުރުމުގެ ކުރިން އިތުރު ވަގުތު ނަގައިގެން، ރައްޔިތުންނަށް އުނދަގޫނުވާނެ ފަދަ ފުރިހަމަ އަދި ދާއިމީ ހައްލެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުމާއި، އުފެއްދުމާއި އަދި ބާޒާރަށް ނެރުން 2021 ވަނަ އަހަރުން ފެށިގެން މަނާކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ދާދި ފަހުން ވަނީ އެ އުސޫލު މުރާޖައާކޮށް، އެ ތަކެތި މަނާކުރާ ތާރީޚު 2031 ވަނަ އަހަރަށް ފަސްކޮށްފައެވެ. މި ނިންމުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ބޭނުންކުރަން ފެށި ކަރުދާސް ހޮޅީގެ ފެންވަރާ މެދު އާންމުންނާއި ވިޔަފާރިވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބەހުރި ކަމަށެވެ.
ކެފޭ ރެސްޓޯރެންޓްތަކުގައި ބޭނުންކުރާ ތަފާތު ފެންވަރުގެ ކަރުދާސް ހޮޅިތަކަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ، ހޮޅިން ޖަހައި، ތަށީގެ މަތީގައި އަޅާފައި އޮންނަ ކަވަރު ވެސް ފަޅާނުލެވޭ ފަދަ ދަށް ފެންވަރުގެ ހޮޅިތައް ބޭނުންކުރަމުންދާ ކަމަށާއި، ރާއްޖެ އެތެރެކުރާ މިފަދަ ތަކެތީގެ ފެންވަރު ބެލޭނެ އެކަށީގެންވާ ނިޒާމެއް ވެސް ނެތް ކަމަށެވެ. މީގެއިތުރުން، ކަރުދާސް ހޮޅި އުފެއްދުމަށް ބޭނުންކުރާ ކަރުދާހާއި ތެރަހުގައި ސިއްހަތަށް ނުރައްކާވާ ފަދަ މާއްދާތަކެއް އެކުލެވިގެންވާތީ، ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ވަަޒީރު ވިދާޅުވިއެވެ. އަދި ބާޒާރުން އެންމެ މަތީ ފެންވަރުގެ ކަރުދާސް ހޮޅި އެތެރެކޮށް ބޭނުންކުރަން މަޖުބޫރުކޮށްފި ނަމަ، އާންމުންގެ ސައި ބިލުތަކަށް އޭގެ އަސަރުކޮށް، އިތުރު މާލީ ތަކުލީފަކަށް އެކުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





