މާލެ ސަރަހައްދުގެ ވައިގެ ސާފުމިން ނުވަތަ އެއާ ކޮލިޓީ ދެނެގަތުމަށްޓަކައި ހާއްސަ 4 ސްޓޭޝަނެއް މިއަހަރު ނިމުމުގެ ކުރިން ބަހައްޓައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭގައި ގާއިމުކުރަން ނިންމާފައިވާ ހަތަރު ސްޓޭޝަނުގެ ތެރެއިން އެއް ސްޓޭޝަން މިހާރު ގަލޮޅުގައި ބަހައްޓާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ސްޓޭޝަންތައް ވެސް މިއަހަރުގެ ނިޔަލަށް ބަހައްޓައި، އޭގެ ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގަލޮޅުގައި އަލަށް ބެހެއްޓި ސްޓޭޝަނަކީ، ކުރީގެ ސްޓޭޝަންތަކާ ހިލާފަށް، އެ ވަގުތެއްގެ ވައިގެ ސާފުމިން އާންމުންނަށް ވަގުތުން ބަލައިލެވޭނެ ފަދަ ޑިސްޕްލޭ ބޯޑަކާއެކު ތައްޔާރުކޮށްފައިވާ ތަނެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މާލޭގައި ބަހައްޓާ އެހެން ސްޓޭޝަންތައް ވެސް ހުންނާނީ އާންމުންނަށް ފަސޭހައިން މައުލޫމާތު ފެންނާނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ވައި ތަޣައްޔަރުވެފައިވާ މިންވަރު ދެނެގަނެ، ތިމާވެށްޓަށާއި އާންމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބޭނުންވާ ސައްހަ މައުލޫމާތު އެއްކޮށް ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވައިގެ ހާލަތު ބެލުމަށްޓަކައި ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ކ. ވިލިނގިލި، ދ. ކުޑަހުވަދޫ، ލ. ގަން، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭހެން 7 ރަށެއްގައި މިހާރުވެސް އެއާ ކޮލިޓީ ސެންސަރުތައް ހަރުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ވައިގެ ސާފުމިން އެންމެ ބޮޑަށް ދަށްވަނީ އިރުވައި މޫސުމަށް ވައި އެނބުރުމުން، އޭޝިއާ ބައްރުގެ ބޮޑެތި ސިނާއީ ގައުމުތަކުން އަންނަ ނުސާފު ވައިގެ ސަބަބުން ކަމަށެވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ޗައިނާ ފަދަ ގައުމުތަކުން އަންނަ ދުންފަތާއި ނުސާފު ވައިގެ ސަބަބުން ރާއްޖޭގެ ޖައްވު ނުސާފުވާކަން ފާހަގަކުރައްވަމުން، އެ ގައުމުތަކުގެ ސިނާއަތްތައް ހުއްޓުވުމަށް ރާއްޖެއަށް ނުބުނެވުނު ނަމަވެސް، އެ ގައުމުތަކުގައި ވެސް ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ހައްލުވާން ވަގުތު ނަގާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.





