ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ގދ. ފަރެސްމާތޮޑާގެ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށްވާ، އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން ބާރުމުވެއްދުމެއްގައި ކުރިއަށް ގެންދާއިރު، މިހާރު އެ ސަރަހައްދު ކޮނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ކަނޑުދަތުރުފަތުރުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން 465,726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.

ރަށުގެ ގޮނޑުދޮށް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމަށްޓަކައި ގިނަ ހަރަކާތްތަކެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، އިތުރު 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 133 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި ރަށުގެ އައްސޭރިފަށުގެ ސަރަހައްދު ގިައިގެންދިއުން ހުއްޓުވުމަށް 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މި މަޝްރޫއަކީ ހަމައެކަނި ބިން ހިއްކުމުގެ މަޝްރޫއަކަށް ނުވެ، ރަށުގެ ބަނދަރާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ މުހިންމު ވަސީލަތްތައް ގާއިމުކުރުންވެސް ހިމެނޭ މަޝްރޫއެކެވެ. އެގޮތުން 1416 މީޓަރުގެ ސަރަހައްދެއްގައި 4 މީޓަރުގެ އެއްގަމުތޮށިލުމާއި، 46 މީޓަރުގެ ސަރަހައްދެއްގައި 3 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެއިތުރުން ރައްޔިތުންނަށް ފަސޭހަވާނެހެން 9,206 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ދަތުރުފަތުރުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން 6 މީޓަރު ދިގު އަދި 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ނިންމުމަށް ވަނީ ރޭވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް