ތިމާވެށި ހިމާޔަތްކުރުމާއެކު ރައްޔިތުންނަށް އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދާ "ވިލުންވެށި" ޕްރޮގްރާމްގެ ހިލޭ އެހީގެ ދާއިރާ އިތުރަށް ފުޅާކޮށް، އަންނަ އަހަރުގެ ތެރޭގައި ކުންފުނިތަކަށް ވެސް އެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ނުހަނު ބޮޑުކަމަށެވެ. އެގޮތުން ލިބުނު ބޮޑު ތަރުހީބަށް ބެލުމަށްފަހު، މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތްތަނުގައި އިތުރު ޕްރޮޕޯޒަލްތަކަށް ހުޅުވާލާނެ ކަމަށާއި، މިހާރު ހަމައެކަނި ވަކިވަކި ފަރުދުންނަށް ހާއްސަވެފައިވާ މި އެހީ، ކުންފުނިތަކަށް ވެސް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިއަހަރު ދޫކުރާ މިންވަރަށް ވުރެ ކުރިއަށް އޮތް ތަނުގައި ދޫކުރާ އެހީގެ އަދަދު ބޮޑުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ބަދަލުގެ މައިގަނޑު މަގުސަދަކީ އީޖާދީ ވިސްނުންތަކާއެކު އައު ވިޔަފާރިތައް ފަށަން ބޭނުންވެފައިވާ ނަމަވެސް މާލީ ދަތިކަން ހުރި ގިނަ ސްޓާޓްއަޕްތަކަކަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ވަރަށް ގިނަ ސްޓާޓްއަޕްތައް ކުޑަ އެހީތެރިކަމަކަށް އެދިގެން މަޑުކޮށްގެން ތިބޭއިރު، އެފަދަ ފަރާތްތަކަށް މުޖުތަމައުއަށް ނުކުމެ ފައިދާހުރި މަޝްރޫއުތައް ހިންގުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން މިހާރު ވަކިވަކި ފަރުދުންނަށް ދޫކުރަމުންދަނީ ގިނަވެގެން 100،000 ރުފިޔާގެ އެހީއެކެވެ. މިދިޔަ ޖޫން މަހު ހުޅުވާލި "ވިލުންވެށި" ގްރާންޓް ޕްރޮގްރާމަށް ހުށަހެޅުނު 150 ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު، އެހީ ލިބޭ ފަރާތތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.





