އެމްޑަބްލިއުއެސްސީ

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަޝްރޫއަށް ހަދަންޖެހޭ ސާވޭތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއެކު ބޭއްވި "ލެޓްސް ކަނެކްޓު" ހަރަކާތުގައި ފަހުމީ ވިދާޅުވީ، މި މަޝްރޫއު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެން ކަމަށެވެ.

ކަނޑުގެ 500 މީޓަރު އަޑިން ނަގާ ލޮނަކީ އޯގޭނިކް މެޓީރިއަލްސް މަދު، ބޯހޯލްތަކުން ނަގާ ލޮނަށްވުރެ މާ ސާފު ލޮނެއް ކަމުން، މީގެ ސަބަބުން ފެން އުފެއްދުމުގެ އެފިޝިއެންސީ އިތުރުވެ ހަރަދު ކުޑަވެގެންދާނެ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. މިހާރު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި ތިމާވެއްޓާ ގުޅޭ ދިރާސާތައް ދަނީ ކުރިއަށެވެ.

ދިރާސާތަކުން މި ޕްލާންޓް ގާއިމުކުރުމަށް އެންމެ އެކަށޭނެ ސަރަހައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ. މި މަޝްރޫއުގެ ދަށުން ނޯވޭގެ ކުންފުނިން އުފައްދާ ފެން، އެމްޑަބްލިއުއެސްސީން ގަންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައެވެ. މިއާއެކު ރާއްޖޭގައި ފެން އުފެއްދުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް