2040 އާ ހިސާބަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ވާން ރާއްޖެއިން ކުރާ މަސައްކަތުގައި ސައުދީ އަރަބިއްޔާގެ ބައިވެރިވުން ބޭނުންވާ ކަމަށާއި، އެ ގައުމުގެ ބޮޑެތި އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ، ސައުދީ އިންވެސްޓްމެންޓްތައް ގެނައުމަށްޓަކައި ފަހި މާހައުލެއް ގާއިމުކޮށް، ބޭނުންވާ ސިޔާސަތުތައް ކަނޑައަޅަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.
ރާއްޖޭގައި އިންވެސްޓްކުރުމުގެ ބޮޑެތި ފުރުސަތުތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޓޫރިޒަމާއި، އުމްރާނީ ތަރައްގީ، ބޯހިޔާވަހިކަން، ސިއްހީ ހިދުމަތް، މަސްވެރިކަން، އިއާދަކުރަނިވި ހަކަތަ އަދި ލޮޖިސްޓިކްސް ދާއިރާއަކީ ސައުދީގެ ވިޔަފާރިތަކަށް ފުޅާކުރެވޭނެ މުހިންމު ދާއިރާތައް ކަމަށެވެ. އަދި ސައުދީއާއެކު މަސައްކަތް ކުރަން ބޭނުންވަނީ ހަމައެކަނި އެހީ ލިބިގަންނަ ބައިވެރިއެއްގެ ގޮތުގައި ނޫން ކަމަށާއި، ވިޔަފާރިއާއި އިންވެސްޓްމެންޓްތަކުގެ ކުރިއެރުން ހިއްސާކުރާ ބައިވެރިއެއްގެ ގޮތުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު "ޗާޓާ އޮފް މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް" މުއާހަދާއަކީ ކަނޑުމަގުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވާސިލުވެވުނު މުހިންމު މައިލްސްޓޯނެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. މި ހަފުލާގައި ސައުދީ ސަފީރު ޔަހްޔާ އަލްގަހުތާނީ ވަނީ ރައީސް މުއިއްޒަށް ހަނދާނީ ފިލައެއް އަރުވާފައެވެ.





