އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖެއަށް ދޭން ނިންމާފައިވާ 48.50 ބިލިއަން އިންޑިއަން ރުޕީސް (506.58 މިލިއަން ޑޮލަރު) ގެ ކްރެޑިޓް ލައިންއަށް މިދިޔަ މަހުގެ 27 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ބުނެފިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޫކުރާ މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި މަޝްރޫއުތަކަށް ހަދާ، މަދުވެގެން ފަސް ބިލިއަން ރުޕީސްގެ އެއްބަސްވުންތަކުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި ހިދުމަތުގެ މަދުވެގެން 75 އިންސައްތަ ހޯދަންޖެހެނީ އިންޑިއާގެ ކުންފުނިތަކުންނެވެ. އަދި ބާކީ 25 އިންސައްތަ އެހެން ގައުމުތަކުން ހޯދުމުގެ ފުރުސަތު އޮތްނަމަވެސް، އެކްސްޕޯޓް އޭޖެންސީތަކަށް ދޭންޖެހޭ ކޮމިޝަން ދެއްކުމަށް މި ކްރެޑިޓް ލައިންގެ ފައިސާ ބޭނުން ނުކުރެވޭނެއެވެ.
މި ފެސިލިޓީއަށް އަމަލުކުރަން ފެށިއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލްގެ ފަހު ޕޭމަންޓް (50 މިލިއަން ޑޮލަރު) ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ދައްކައި ސަރުކާރުން ވަނީ އެ ދަރަނި އެކޮށް ޚަލާޞްކޮށްފައެވެ. މި ޓީ-ބިލްގެ އިންޓަރެސްޓުގެ ގޮތުގައި އަރާ 45 މިލިއަން ޑޮލަރު ދައްކައިދީފައިވަނީ އިންޑިއާ ސަރުކާރުންނެވެ.





