މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އުމުރުން 21 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، މާހު ހަސަންއެވެ. އަންގާރަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި މާހު ވަނީ ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ސައިކަލު ދުއްވާފައެވެ. އަދި އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރު ތެރޭ ހަތަރު ފަހަރެއްގެ މަތިން ހިފަހައްޓައި ޖޫރިމާނާކޮށްފައިވާ މީހެކެވެ. ބާރު ސްޕީޑުގައި ދުއްވި ސައިކަލު އެހެން ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ އަންހެނެކެވެ. އަނިޔާވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު، ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އިތުރުވަމުންދާއިރު، މިފަދަ ހާދިސާތައް ހުއްޓުވުމަށް ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އޭގެ ތެރޭގައި ޗެކްޕޮއިންޓްތައް އިތުރުކުރުމާއި، ގަވާއިދާ ހިލާފުވާ އުޅަނދުތައް ޓޯކުރުމުގެ އިތުރުން ސްޕީޑް ކެމެރާ މެދުވެރިކޮށް ފިޔަވަޅު އެޅުން ހިމެނެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 2,100 އަށްވުރެ ގިނަ އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.





