ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫއުގެ ދެބައިކުޅަ އެއްބައި، ސަރުކާރުގެ މި ދައުރުގެ މިހާތަނަށް ހާސިލުކުރެވިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، 2028 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 2.3 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވާ ކަމަށެވެ. މަޝްރޫއު ހަލުވިމިނެއްގައި ކުރިއަށްދާތީ، މުއްދަތު ހަމަވުމުގެ ކުރިން އަމާޒަށް ވާސިލުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ނަމަވެސް، ބޭރުން ގަސް އެތެރެކުރުމުގައި ބައެއް ގޮންޖެހުންތައް ކުރިމަތިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފެހިކަން ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ގާއިމުކުރުމުގެ މަޝްރޫއު ފަށާފައިވާއިރު، އޭގެ ތهރެއިން ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށެއްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. "ކޮޕް28" ގައި ރައީސް މުއިއްޒު އިއުލާނުކުރެއްވި މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ނެތިގެންދާ 90 ބާވަތެއްގެ ގަސް އަލުން އާލާކުރުމަށް އިސްކަންދީފައިވެއެވެ. އަދި ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ލިބުނު ބޮޑު ތަރުހީބާއެކު، ކަނޑައެޅި 5 މިލިއަން ގަހުގެ ބަދަލުގައި ޖުމްލަ 6.4 މިލިއަން ގަސް އިންދުމަށް އެކި ފަރާތްތަކުން ވަނީ ވައުދުވެފައެވެ.





