މީގެ 10 އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގެ ތެރެއިން، އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު މަރާލި މައްސަލައިގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީގެ މައްޗަށް އުފުލި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އިރުފާންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ. މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކޯޓުން ޝަރީއަތުގެ ރިޕޯޓު އާންމުކޮށްފައެއް ނުވެއެވެ. އެހެންކަމުން، ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމެވި ތަފްސީލީ ސަބަބުތަކެއް އަދި ސާފެއް ނުވެއެވެ.
އިރުފާން ރުޝްދީއަކީ މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ހޯދުމަށް އިޢުލާންކުރި މީހެކެވެ. އޭނާ 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދިޔަ ފަހުން ރަސްމީކޮށް ރާއްޖެ އައިސްފައި ނުވި ނަމަވެސް، 2016 ވަނަ އަހަރު ހިނގި މަރުގެ ސީންއަކުން އޭނާ ފެނިފައިވެއެވެ. އިރުފާން އަތުލައިގަނެވުނީ ގދ. ތިނަދުއާ 15 މޭލު ބޭރުން ދަތުރުކުރި "ބުލޫވޭވް" ނަމަކަށް ކިޔާ ލޯންޗެއްގެ ޕެޓްރޯލް ހުސްވެގެން އެމްއެންޑީއެފުން އެ ލޯންޗު ތިނަދުއަށް ގެންގޮސް، ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިންނެވެ.





