ރަސްމާލެ މަޝްރޫއަކީ ރަނގަޅު ކަމެއް، ރައްޔިތުން ބޭނުންވަނީ ތަނަވަސްކަން: ރައީސް ނަޝީދު

ޔޫއޭއީގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ހިންގަން ހަވާލުކުރުމުގެ މަޝްރޫއަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، ރައްޔިތުން އަބަދުވެސް އެދެނީ އިގްތިސާދީ ތަނަވަސްކަމާއި އުފާވެރިކަމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އުސޫލެއްގެ ގޮތުން ބޭރުގެ ސީދާ އިންވެސްޓްމެންޓްތަކާއި (އެފްޑީއައި)، ޕްރައިވެޓައިޒޭޝަނާއި އަދި އެސެޓް ސޭލްސްއަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ އުސޫލުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއަށްދެވޭނީ ބޭރުގެ ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނެވިގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މާލެ ސަރަހައްދުގައި މިފަދަ ބިޔަ މަޝްރޫއުތައް ހިންގުމުން މާލެއަށް އިތުރަށް މީހުން ތޮއްޖެހި، ރާއްޖޭގެ އެހެން ރަށްތައް ފަޅުވެދާނެ ކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވިއެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި، ވިޔަފާރީގެ ފުރުސަތުތަކާއި، ހާސްކަމެއް ނެތް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މިފަދަ ބޮޑެތި މަޝްރޫއުތަކުން މަގުފަހިވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާ) ގެ ބިޔަ އިންވެސްޓްމެންޓެއް ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއިން ނިންމާފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. މި މަޝްރޫއުގެ ޖުމްލަ އަގު ރާއްޖޭގެ ޖީޑީޕީގެ ދެ ގުނައަށްވުރެ ބޮޑުކަން ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި، އަތިރިމަތީގެ ހިތްގައިމު ދިރިއުޅުމާއި، މަތީ ފަންތީގެ ބޯހިޔާވަހިކަމާއި، މަޝްހޫރު ބްރޭންޑްތަކުގެ ރެސިޑެންސްތަކުގެ އިތުރުން ޒަމާނީ މެރީނާއަކާއި، މުނިފޫހިފިލުވުމާއި، ވިޔަފާރިއާއި، ތައުލީމީ އަދި ސިއްހީ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ ފުރިހަމަ މަންޒިލެއްގެ ގޮތުގައި މިތަން ތަރައްގީކުރެވޭނެއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރަސްމާލޭގެ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން މިހާރުވެސް 716 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިހާރުވެސް ރާއްޖޭގެ އެންމެ ބިން ބޮޑު ރަށުގެ ގޮތުގައި އޮތް ރަސްމާލެ މުޅިން ނިންމައި، މި ބިޔަ އިންވެސްޓްމެންޓާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން އަންނަނީ ވިދާޅުވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް