ހަގީގީ ލީޑަރުންނަކީ ނަމޫނާ ދައްކާ ހިތްވަރުގަދަ ބައެއް: ވަޒީރު އިޙްސާން

ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް އަމަލުން ނަމޫނާ ދައްކައި، ދަތިތަކާ ކުރިމަތިލުމުގައި ހިތްވަރުދޭ ބައެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ "ވިމެން އިން ޕޮލިސިންގ ޑޭ" ނުވަތަ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހާ ގުޅިގެން، މާލެ ސަރަހައްދުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ޚާއްސަ ފޯރަމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި އަންހެން އޮފިސަރުންނާއި މުވައްޒަފުންނަކީ ހަރުދަނާ ލީޑަރުންގެ ގޮތުގައި ކުރިއަށްދިއުމަށް އިރުޝާދުދެއްވާފައެވެ.

އަދި ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އަމިއްލަ ޤާބިލުކަމާއި ނަފުސަށް އޮންނަ އިތުބާރާއެކު ކަންކަމުގައި އިސްނެގުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "ލީޑަރުން އަބަދުވެސް މަސައްކަތّ ކުރާނީ އެކުގައި މަސައްކަތް ކުރާ އެންމެންނާ ގުޅިގެން، ކަންކަމުގައި އަމިއްލަ ނަޒަރިއްޔާ ހިއްސާކޮށްގެންނެވެ. އަދި މައްސަލަތައް ދިމާވުމުން އެކަންކަމަށް އިސްވެ ހައްލު ހޯދުމުގެ ސަޤާފަތެއް ބިނާކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ،" ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މަސައްކަތްކުރާ މާހައުލުގައި އަންހެނުންނަށް ކުރިއެރުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަކީ ވެސް ލީޑަރެއްގެ ކިބައިން ފެންނަންޖެހޭނެ ސިފައެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 17 ވަނަ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2021 އޮކްޓޯބަރު 3 ގައި ފާސްކުރެވުނު "ގައިޑްލައިން އޮން ކްރިއޭޝަން އެންޑް މެނޭޖްމަންޓް އޮފް ވިމަން އިން ޕޮލިސިން ޑޭ" ގެ ދަށުންނެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް ޚިދުމަތުގެ ދާއިރާގައި އަންހެނުން ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެފަދަ ފޯރަމްތަކާއި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް