ކ. ހިންގަފުށީގެ ޒުވާނުންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤުޞަދުގައި، އެ ރަށުގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްތައް ފެށިގެން ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ.
އެ ކުންފުނިން މައުލޫމާތު ދެއްވިގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ގޮތުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ސެންޓަރު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ފަސްގަނޑު އެއްވަރު ކުރުމާއި ބިން ސާފުކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމާއެކު އިމާރާތުގެ ފައުންޑޭޝަނާއި އެހެނިހެން ސިވިލް މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ޒަމާނީ ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ ކަމެކެވެ. އެގޮތުން، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައި މިފަދަ މަރުކަޒުތަކެއް ބިނާކޮށް ނިންމުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށްވާއިރު، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހިންގޭ ބިޔަ މަޝްރޫއުތަކުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރާއި ހަށިހެޔޮކަމުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މެދުކެނޑުމެއްނެތި ހިންގަމުންނެވެ. ހިންމަފުށީގައި މި ޤާއިމުކުރެވޭ ފިޓްނެސް ސެންޓަރު ނިމިގެންދިއުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ކަސްރަތު ކުރުމަށާއި ހަށިހެޔޮ ދިރިއުޅުމެއް އުޅުމަށް ފުރިހަމަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.





