ފުލިދޫ

ވ. ފުލިދޫގައި ފުލުހުންނާއި ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލު ދެރަވި އަންހެނަކު ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ ހަވީރު 16:30 އެހައިކަންހާއިރު، ފުލިދޫ ޕޮލިހާއި ވ. އަތޮޅު ސްކޫލާއި ގުޅިގެން އެ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިންނެވެ.

މި ހަރަކާތުގެ "ވޯޓަރ ބްރޭކް" ވަގުތުގައި އެއްގަމަށް އަރަން ދިޔަ އަންހެނަކު ނޭވާލާން އުނދަގޫވާ ކަމަށް ބުނުމާ ގުޅިގެން، ވަގުތުން އޭނާ ވަނީ ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް، ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް، އެ ދުވަހުގެ އިރުއޮއްސި 18:14 އެހައިކަންހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނި ގޮތުގައި، ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އާއިލާއާ ހަވާލުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް