ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އެ މަގުގެ ވެސްޓްޕާކު ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެ ސަރަހައްދަށް މަޑުކުރާ ބަހުގެ ދަތުރުތަކަށް ބަދަލު އައިސްފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަވީރީ ހިނގުން ބަންދުކޮށްފައިވާތީ އޯކިޑް ރޫޓާއި އޮރެންޖު ހިޔާ ރޫޓުގެ ބަސްތައް ދެން ވެސްޓްޕާކު ބަސް ސްޓޮޕަށް މަޑުނުކުރާނެ ކަމަށެވެ. އެ ރޫޓުތަކުގެ ދަތުރުތައް ދެން ފަށާނީ މާފަންނު މަދަރުސާ ކައިރިންނެވެ. މީގެއިތުރުން، އާންމު އުސޫލުން މަޖީދީމަގުން ދަތުރުކުރުމަށްފަހު ހެންވޭރުން އެނބުރި މާފަންނަށް އަންނަ ބަސްތައް ދަތުރުކުރާނީ ކަނބާ އައިސާ ރަނި ހިނގުމުން ކަމަށާއި، ބަސް މަޑުކުރާނީ ސޯޝަލް ސެންޓަރު ކައިރިއަށް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އޭގެފަހުން އެ ރޫޓުގެ ބަސްތައް ސަބުދެލި މަގުން ނުކުންނާނީ މަޖީދީ މަގަށެވެ.
މި ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައިވާއިރު، އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1650އަށް ގުޅައިގެން ލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރިން ބައެއް ސަރަހައްދުތައް ހަތަރު ލޭނަށް ފުޅާކޮށް ތާރުއަޅައިގެން ނިންމާފައިވާއިރު، ދެން ތަރައްގީކުރަން ހަމަޖެހިފައިވަނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަހައްދެވެ.





