ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ފުރަތަމަ މުއްދަތު އަންނަ މަހުގެ 28 އަށް ހަމަވަނީ

ބޭރު ފައިސާއާ ބެހޭ އައު ޤާނޫނުގެ ދަށުން، ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ފުރަތަމަ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހަށް ހަމަވާނެ ކަމަށް ކަނޑައަޅާފައިވެއެވެ.

ކުރިން އޮތް ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން އުވާލައި، ކެޓެގަރީ "އޭ" ގެ ރިސޯޓުތަކުން މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ އަދި ކެޓެގަރީ "ބީ" އިން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ޓޫރިޒަމް ދާއިރާ ފިޔަވައި ބޭރު ފައިސާއިން އަހަރަކު 25 މިލިއަން ޑޮލަރަށްވާ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، އޭގެތެރެއިން 100 އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ 7 އިންސައްތައެވެ. މި ހުރިހާ ފައިސާއެއް ވެސް ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން، އެމް.އެމް.އޭ އިން ލައިސަންސް ދީފައިވާ ބޭންކެއް މެދުވެރިކޮށް މާރުކޮށް ނިންމަންވާނެއެވެ.

އަދި މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތީގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި އިޝްތިހާރުކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކަންކަމަށް ފަރުދުންނަށް 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން އަދި ޤާނޫނީ ޝަޚްޞުތަކަށް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް