ޑުރަގު ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭތީ ތިނަދޫއިން ހައްޔަރުކުރި 2 މީހުން -- ފޮޓޯ/ ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ދެ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުން ހުއްޓުވުމަށް ޖުލައި މަހުން ފެށިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު ތިނަދޫގައި ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަނަކީ އަޕާ ސައުތު ޕޮލިސް، ތިނަދޫ ޕޮލިސް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިނަދޫ، ހުދުރުވާގެ، ފަޒުލީން މުޙައްމަދު (39އ) އާއި ޢަޒުލިފު މުޙައްމަދު (30އ) އެވެ. ފުލުހުން ބުނި ގޮތުގައި މިއީ މަސްތުވާތަކެތީގެ ނެޓްވޯކުގައި އިސްކޮށް އުޅޭ ދެ މީހުންނެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަޒުލީން 70 ދުވަހަށް އަދި ޢަޒުލިފު 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް