ޖަލުތަކުގެ ތާށިކަން ނައްތާލައި ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އިތުރު 300 އަށް ވުރެ ގިނަ ޖާގަ ބޭނުންވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް" ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، ޖަލުތަކުގައި ޖާގަ އިތުރުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ކައިރި މުސްތަގުބަލެއްގައި އިތުރު 300 ޖާގަ ނުހޯދިއްޖެނަމަ، ޖަލުތަކުގެ ނިޒާމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވަނީ ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ގެއްލުނު ގޮޅިތަކުގެ ބަދަލުގައި އެކަށީގެންވާ ހައްލެއް ނުހޯދެނީސް، ޖަލުތަކަށް ބަންދުކުރުމަށް 520 އަށް ވުރެ ގިނަ މީހުން ވައްދަންޖެހުނުކަން ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން ޖަލުތަކުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ޤާނޫނުގައި ލާޒިމްކުރާ ރޭޝިއޯއަށްވުރެ އޮފިސަރުން މަދުވެފައިވާ ކަމަށާއި، މިއާއެކު މިހާރު ތިބި އޮފިސަރުންނަށް މަސައްކަތުގެ ލޯޑު ބޮޑުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޮފިސަރުންގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވަމުން، މިފަހަރު ދަސްވެނިވި 10 އޮފިސަރުންގެ އިތުރުން މާފުށީ ޖަލުގައި ވެސް އިތުރު އޮފިސަރުންތަކެއް ތަމްރީނުވަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ކުރައްވަމުންދަނީ ވަރަށް ބުރަ އަދި ޤައުމީ މުހިންމު ވާޖިބެއްކަން ފާހަގަކުރައްވައި، ސިފައިންނާއި ފުލުހުން ފަދައިން ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ހިނދެއްގައި ވެސް ފަސްނުޖެހޭނެ ކަމަށް ހުވާކޮށްގެން ތިބޭ ބައެއްކަން ހަނދާންކޮށްދެއްވިއެވެ. ޒަމާނީ ވަސީލަތްތައް މަދު ނަމަވެސް، ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށް އޮފިސަރުން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ވަރަށް ބޮޑަށް ތުރޫދެއްވިއެވެ.
ކަރެކްޝަންސްގެ ޚިދުމަތަށް 55 އަހަރު ފުރިފައިވާއިރު، 2013 ވަނަ އަހަރު ޤާނޫނު ވުޖޫދުވެ ސިވިލް ސަރވިސްއިން ވަކި ޚިދުމަތަކަށް ބަދަލުވެގެން އައިސްފައިވީ ނަމަވެސް، މުވައްޒަފުންގެ މަސައްކަތްތައް އަދިވެސް އެންމެ ބޭނުންވާވަރަށް ޒަމާނީވެފައި ނުވާކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް، އޮފިސަރުން ތަމްރީނުކުރުމަށާއި ގައިދީުން އިސްލާހުކުރުމަށް އައިކޯސްޓް މެދުވެރިކޮށް ބޮޑެތި މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރައްވައި، މިހާރުވެސް 200 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކިޔަވަމުންދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި މި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙެވެ.





