އެކުވެރި ދައުލަތްތައް (އދ.) ގެ އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެން، ދިވެހިރާއްޖެ ތަމްސީލުކުރައްވައިފިއެވެ.
ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ޖެނެރަލް އެސެމްބްލީ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ އެކި ޙަފްލާތަކުގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ދޭދޭ ޤައުމުތަކުގެ އިސްވެރިންނާއެކުގައްޔާއި، ގިނަ ޤައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ސެޝަނުގެ ހަވާސާގައި މިހާތަނަށް އެމަނިކުފާނު ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރާވެސް ބައްދަލުކުރައްވާފައެވެ.





